ސްޕޯޓްސް މެޑިސިންގައި އާސެނަލްގެ އެންމެ އިސް ޑޮކްޓަރުގެ އެހީ ރާއްޖޭން ހޯދަނީ
މިހާރު
3 ޖުލައި 2025 | ބުރާސްފަތި | 1:35
ސްޕޯޓްސް މެޑިސިންގައި ރާއްޖެ އަށް އެހީވާން އާސެނަލްގެ އިސް ޑޮކްޓަރު، ޑރ. ޒަފަރު އިގްބާލް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ދެއްވައިފި އެވެ.
އާސެނަލްގެ ސްޕޯޓްސް މެޑިސިން ޑިޕާޓްމެންޓްގެ އެންމެ އިސް މަގާމު އަދާކުރައްވާ ޑރ. ޒަފަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، އިއްޔެ ސްޕޯޓްސް މިނިސްޓްރީ އަށް ވަޑައިގެން މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލުކުރެއްވި އެވެ.
ކުރިން ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕާސް އަދި ކްރިސްޓަލް ޕެލަސްގައި މަސައްކަތް ކުރެއްވި ޑރ. ޒަފަރުގެ ބައްދަލުވުމާ ބެހޭގޮތުން މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގެ ސްޕޯޓްސް މެޑިސިންގެ އިތުރުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ކެމްޕޭންތަކުގައި ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ޑރ. ޒަފަރު ވިދާޅުވި ކަމަށެވެ.