އެމެރިކާގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތުން ދެ ގައުމުގެ ދިރުން ހުރި ގުޅުން ދައްކުވައިދޭނެ: ރައީސް
މިހާރު
4 ޖުލައި 2025 | ހުކުރު | 7:16
ރާއްޖެ އާއި އެމެރިކާގެ ޚާރިޖީ ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭ މުނާސަބަތު ވާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭނެ ދުވަހަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ޓެގު ކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގަންވާ ކަމަށް ވިދާޅުވެފަ އެވެ.