ޓޮމްގެ ނާއިބުންނަށް ކައްޕި، ކޮއްކީ އަދި މުޖޭ
މިހާރު
6 ޖުލައި 2025 | އާދިއްތަ | 3:52
އެފްއޭއެމްގެ ރައީސްކަމަށް މިއަދު ކުރިމަތިލެއްވި އަހުމަދު ތޯރިގް (ޓޮމް) އޭނާގެ ދައުރުގައި، އެ އެސޯސިއޭޝަނުގެ ނައިބް ރައީސުންނަށް ނިއު ރޭޑިއަންޓުގެ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)، އަދި މާޒިޔާގެ ވައިސް ޗެއާމަން ހުސެއިން ޝާފިއު (ކޮއްކީ) ނޮމިނޭޓްކުރައްވައިފި އެވެ.
ޖުލައި 26 ގައި ބާއްވާ އެފްއޭއެމް އިންތިހާބަށް ޓޮމް ކުރިމަތިލެއްވީ ވޯޓުލެވޭ 23 ކްލަބުގެ ތާއީދާ އެކު ކަމުން، އިތުރު ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ އާ އަސާސީގަވާއިދުގެ ދަށުން ރައީސަކަށް ކުރިމަތިލެވޭނީ ފަސް ކްލަބުގެ ތާއީދާ އެކު ކަމަށްވެފައި، ހުރިހާ ކްލަބެއް އޮތީ ޓޮމްގެ ފަހަތުގައި ކަމަށްވުމުންނެވެ.
އެހެންކަމުން، އެފްއޭއެމްގެ ރައީސްކަން ކުރިން ކުރައްވާފައިވާ، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް އަށް ވަނީ މަގާމް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.