ރައީސްގެ 2.0އާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ: ފަސްޓް ލޭޑީ
މިހާރު
6 ޖުލައި 2025 | އާދިއްތަ | 11:15
މި ސަރުކާރުން އިފްތިތާހްކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" އާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ފަސްޓް ލޭޑީ ވިދާޅުވީ ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ އިންގިލާބާ އެކު ސިއްހީ ދާއިރާ މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރާ ސިޔާސަތުގައި އެންމެ ފުރަތަމަ ސިއްހީ ދާއިރާއަށް އިސްކަން ދީފައި އޮތުމަކީ އުއްމީދީ ފުރުސަތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.
ސިއްހީ ދާއިރާގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި، ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ކުރީގައި އެތައް މެޝިނަކުން ނޫނީ ނުހެދޭ ޓެސްޓުތައް މިހާރު ކުޑަ މެޝިނެއްގެ އެހީގައި ހެދެ އެވެ. ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ޓެލެމެޑިސިނަށް ބިނާކޮށް ވަގުތުން ލިބޭ ކަމަށާއި ހިތުގެ ބަލިތަކާއި ކިޑްނީ އަދި ނާރުގެ މައްސަލަތައް ފަދަ ކަންކަމުގައި ވެސް ދުރު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަޝްވަރާ ވަގުތުން ހޯދުމަކީ ފަސޭހަ ކަމަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.