ހިޔާލު ހޯދުމުގެ ވޯޓުގެ ބިލަކީ ފަހަތަށް އެޅޭ ފިޔަވަޅެއް: މީކާއިލް
މިހާރު
8 ޖުލައި 2025 | އަންގާރަ | 2:15
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި މިއީ ރާއްޖޭގެ ފެހި ގާނޫނުއަސާސީ އުފެއްދި ރޫހާ ވެސް ހިލާފު ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައި އާންމުން ފެންނަ ނުފެންނަ ގޮތެއް އެހުމަށެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސްގެ ގަރާރާ އެއްގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ. މައްސަލައަކާ މެދު ވޯޓެއް ނަގަން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދުމަށް އެދި އެ ފަރާތަކުން ހުށަހަޅާ ސުވާލުގެ ފުރިހަމަ އިބާރާތް ކޮމިޝަނުން އާންމުކުރަންޖެހެ އެވެ.