ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވީ ރައީސްގެ ހިކުމަތްތެރިކަމުގެ ސަބަބުން: ސައީދު
މިހާރު
8 ޖުލައި 2025 | އަންގާރަ | 1:02
"ކޮންމެ މޫސުމެއް، ކޮންމެ ގޮތަކަށް ބައްދަލުކުރިޔަސް، ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށް އަދި ކޮންފިޑެންސް ބިލްޑްކުރުމުގެ މަސައްކަތްތަކެއް ވަރަށް ހިކުމަތްތެރިކަމާއެކު ކުރައްވަމުން އެ ގެންދަވަނީ."
މި މަހު 26ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރީހުތަކެއް ކަނޑައަޅުއްވައި ނަތީޖާ ނެރުއްވަން ހިކުމަތްތެރިކަމާ އެކު ކުރެއްވި މަސައްކަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގާ ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅިފައިވާ ޓައިމްލައިނަށް ނިންމުމުގައި ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.