އޮސިމެން އަށް ގަލަތަސަރާއީ އިން 75 މިލިއަން ޔޫރޯ ހުށަހަޅައިފި
މިހާރު
9 ޖުލައި 2025 | ބުދަ | 9:53
ނަޕޯލީގެ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސިމެން ގަންނަން ގަލަތަސަރާއީ އިން އެންމެ ފަހުން 75 މިލިއަން ޔޫރޯ ހޭދަކުރަން އެއްބަސްވެއްޖެ ކަމަށާއި، އެކަމަކު އެ ކްލަބުން ފައިސާ ދޭން ހުށަހެޅި އުސޫލަށް ނަޕޯލީން މުޅިން އެއްބަސްނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ޗެމްޕިއަން ނަޕޯލީގެ ލޯނެއްގެ ދަށުން އޮސިމެން މިދިޔަ ސީޒަނުގައި ކުޅުނީ ތުރުކީގެ ގަލަތަސަރާއީ އަށެވެ. އޭނާ އެ ޓީމާ ތުރުކީ ލީގާއި، ކަޕް ވެސް ކާމިޔާބުކުރި އެވެ. އަދި 41 މެޗުން 37 ގޯލް ޖެހި އެވެ. އެހެންވެ އެ ކްލަބުން ބޭނުންވަނީ އޭނާ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ގެންނާށެވެ. ނަމަވެސް މިހާތަނަށް ކިޔަމުން އައި އަގަށް ނަޕޯލީން އެއްބަހެއް ނުވެ އެވެ.
ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި ގަލަތަސަރާއީ އިން މިހާރު ވަނީ، އޮސިމެން ވިއްކާލަން ނަޕޯލީ އަށް މަޖުބޫރު އަގު ކަމަށްވާ 75 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ. ނަމަވެސް އެއީ ވަގުތުން ފައިސާ ދޭ ނަމަ އެވެ. ގަލަތަސަރާއީ އިން ހުށަހެޅީ ފަސް އަހަރަށް ބަހާލައިގެން ފައިސާ ދައްކާށެވެ.