އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް
މިހާރު
9 ޖުލައި 2025 | ބުދަ | 1:00
އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.
އެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ނިންމައި، އިއްޔެ އާއްމުކުރި ފަތުވާގައި ބުނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށެވެ. އެއީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު އަދި ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެވެ.
އެ ފަތުވާގައިވާ ގޮތުން ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި އެ މައްސަލާގައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދާ ކަމަށް ވެސް ފަތުވާގައިވެ އެވެ. އަދި އެއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް އެ ފަތުވާގައިވެ އެވެ.