ގުޅިފަޅު ގޯތީގެ މައްސަލަ ހައްލުކުރަން ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކުރަން ނިންމައިފި
މިހާރު
9 ޖުލައި 2025 | ބުދަ | 8:11
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ އަށް ގޮސް އެ ކަމަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ގޯތި ލިބުނު މީހުން ދަނީ އާ އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދަމުންނެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވިޔަސް އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.