އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވަން އަވަސް ފިޔަވަޅު އަޅަން ރާއްޖޭން ދުނިޔެއަށް ގޮވާލައިފި
މިހާރު
10 ޖުލައި 2025 | ބުރާސްފަތި | 9:38
ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ.
ސެނެގާލްގެ ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، އަހްމަދު ސަރީރު ދެއްވި ތަގުރީގުގައި އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއް ނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތައް ސަރީރު ސިފަކުރެއްވީ، ނިޒާމީ ގޮތެއްގައި ރޭވިގެން، ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބާލައި، މުދަލާއި ބިންތައް ފޭރިގަނެ، އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ސިޔާސަތުތަކެއްގެ ގޮތުގަ އެވެ.