ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއާ ގުޅިގެން ޖީއެސްޓީއަށް 200 މިލިއަން ހޯދަން މީރާއިން ކޯޓަށް
މިހާރު
10 ޖުލައި 2025 | ބުރާސްފަތި | 6:03
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހިނގައްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ނަމަވެސް އެ މަޝްރޫއުގެ ޖީއެސްޓީގެ ފައިސާއާ ގުޅިގެން އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން މާޗް 2023 ގައި ނިންމާފައިވަނީ ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެ ކުންފުނިން އެހާތަނަށް ޖީއެސްޓީގެ ގޮތުގައި ދެއްކި 227،000ރ. އަނބުރާ ދޭން އޭރު ކޯޓުން އެންގި އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، މީރާއިން އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ޖީއެސްޓީ އާއި ޖޫރިމަނާއާ އެކު 200 މިލިއަން ރުފިޔާ ހޯދުމަށެވެ.