ޓޮޓެންހަމަށް 24 ގަޑިއިރުތެރޭ 155 މިލިއަނަށް ދެ ކުޅުންތެރިން
މިހާރު
11 ޖުލައި 2025 | ހުކުރު | 4:43
ލަންޑަން (ޖުލައި 11) - އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާގެ އެޓޭކް ވަރުގަދަ ކުރަން، 24 ގަޑިއިރުތެރޭ 115 މިލިއަން ޕައުންޑް (155 މިލިއަން ޑޮލަރު) އަށް ދެ ކުޅުންތެރިން ގެނެސްފި އެވެ.
ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ގާނާގެ ފޯވާޑް މުހައްމަދު ކުޑުސް، 24، އެ ޓީމާ ގުޅުނީ 55 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އިއްޔެ ވަނީ ނޮޓިންހަމް ފޮރެސްޓްގެ އެޓޭކިން މިޑްފީލްޑަރު މޯގަން ގިބްސް ވައިޓް، 25، ގެ ރިލީސް ކްލޯސްއަށްވާ 60 މިލިއަން ޕައުންޑް ދީފައި އޭނާވެސް ހޯދައިފަ އެވެ.
ކުޑުސް ވަނީ ފާއިތުވި ދެ ސީޒަންގައި ވެސްޓް ހޭމަށް މުހިއްމު ލަނޑުތަކެއް ޖަހައިދީފަ އެވެ. އެގޮތުން އަޔެކްސް އިން އޭނާ ވެސްޓް ހޭމަށް ބަދަލުވި ސީޒަންގައި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދޭން ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.