އެއާ އިންޑިއާގެ ވެއްޓުނު ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗް އޯފް ކޮށްލި ކަމަށް ތަހުގީގުން ހާމަވެއްޖެ
މިހާރު
12 ޖުލައި 2025 | ހޮނިހިރު | 7:10
މިދިޔަ މަހުގެ 12 ވަނަ ދުވަހު 242 މީހުންނާ އެކު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، ދެ އިންޖީނުން ވެސް ތެޔޮ ކަނޑާލަން ސްވިޗް އޯފް ކޮށްލި ކަމަށް ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފި އެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އަހްމަދުއާބާދުގެ އެއާޕޯޓުން ލަންޑަނަށް ދާން ފުރިތާ ހިނދުކޮޅެއްގެ ތެރޭ ފިއުލް ސްވިޗް "ރަން" އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވެ އެވެ. މިއީ މަަތިންދާބޯޓު ވެއްޓުނު ސަބަބު ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ފިއުލް ސްވިޗް އޯފް ކޮށްލުމުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އެކަމަކު އޭނާ އެހެން ނުހަދާ ކަމަށް ބުނެ އަނެއް ޕައިލެޓް ޖަވާބު ދިންކަން ވެސް ރިޕޯޓުން ހާމަވެ އެވެ.
ބޯއިން 787-8 ޑްރީމްލައިނާގައި ތިބި 242 މީހުންނާއި ބޯޓު ވެއްޓުނު ތަނުގައި ބިންމަތީ ތިބި 19 މީހަކު މަރުވި ހާދިސާއާ ބެހޭ، 15 ސަފުހާގެ ރިޕޯޓްގައި ބުނެފައިވަނީ އެއާކްރްފާޓް ވެއްޓުމުގެ ކުރިން ރެކޯޑް ކުރެވިފައިވާ އޭގެ އެންމެ ޓޮޕް ސްޕީޑާ ހިސާބަށް ދިއުމާ އެކު އިންޖީން 1 އާއި އިންޖީން 2 ގެ ފިއުލް ކަޓްއޯފް ސްވިޗުތައް "ރަން" އިން "ކަޓްއޯފް" އަށް އެއް ބަދަލުވެފައިވެ އެވެ. އަދި މި ދެ ސްވިޗް އޯފް ކޮށްލުމުގެ ދެމެދުގައި ހިނގާފައި ވަނީ އެންމެ ސިކުންތެއް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.