ކުލީގެ އަދަދު ބިލިއަނުން ގުނަން ތިބެގެން ހައްލެއް ނެތް، ހަރުކަށި ވާންވީ

މިހާރު

16 ޖުލައި 2025 | ބުދަ | 8:47

ސަރުކާރުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު އެޅުން ލަސްކުރުމުގެ ހިތި ނަތީޖާ މިއަދު ވަނީ ފެންނަން ފަށައިފަ އެވެ. ސަރުކާރުން ހައުސިން ސްކީމްތައް ހިންގަނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ވާއިރު، ފްލެޓުތަކަށް ކުލި ނުދެއްކުން އާންމު ކަމަކަށް ވެ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް މިހާރު އެބަކުރެ އެވެ. ނަމަވެސް ސަރުކާރުގެ ފްލެޓުތަކަށް ކުލި ނުދައްކާ މީހުންގެ ލިސްޓު ވަނީ ދިގެވެ.

މިކަން ހައްލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދާއިމީ ހައްލެއް ނުހޯދައި ކުރިއަށް ނުދެވޭ ހިސާބަށް ގޮސްފައިވާއިރު ދެން އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ދައުލަތުގެ ފައިސާ ވިޔަސް ދަރަންޏަށް ނަގާ ނަމަ އެ އަނބުރާ ދައްކާނެ ގޮތެއް ދައުލަތުން ހޯދަން ޖެހެ އެވެ. އެކަމަކު، ފްލެޓަށް ފައިސާ ދައްކަން އެއްބަސްވެ ސޮއިކުރުމަށް ފަހު އެކަން ހަނދާން ނައްތާލުމުގެ ހައްގު އެބައޮތް ހެއްޔެވެ؟

އެއްގޮތަކީ އެގްރީމެންޓާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ ފިޔަވަޅު އެޅުމެވެ. ނޫނީ ފްލެޓް އަތުލުމެވެ. އެއީ މިހާރު ގައުމުގައި ކަންކަން އާންމު އުސޫލުން ހިނގާ ގޮތުން ވެރިންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. ކަންކަން ވެރިންގެ އަތްދަށުން ދޫވި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު މިފަދަ ހަރުކަށި ފިޔަވަޅުތައް ނާޅައި، ފްލެޓް ލިބޭ މީހުން ކުލި ދެއްކުމުގައި ޒިންމާދާރު ކުރެވެނޭ ގޮތެއް އެބަ އޮތް ހެއްޔެވެ؟

މައުޟޫޢުތަށް