އަބްދުއްރަހުމާން މަރާލާފައި އޮތީ ބޮލަށް ހަމަލާދީގެން، ބޮޑު ހަތަރު ޒަހަމެއް ހުރި
މިހާރު
13 ޖުލައި 2025 | އާދިއްތަ | 10:17
އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމަށް ހަމަލާދީފައި ވަނީ ބޮލަށް ކަމަށާއި ހަމަލާ ދީފައިވަނީ ލަކުޑި ނުވަތަ ދަގަނޑުބުރިއަކުން ކަމަށް ބެލެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފި އެވެ.
ގޭގައި ނިދާފައި އޮއްވައި ޒަހަމްތަކަކާ އެކު ފެނިގެން ރޭ ދަންވަރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ ފަތިހު މަރުވީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހަހުމާން އާދަމް، 65 އެވެ.
އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ މާޅޮހުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި މީހާގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް އުޅޭ މީހެއް ކަމަށާއި ގޭގައި ދިރިއުޅެނީ އެ ދެމަފިރިން ކަމަށެވެ. މި ދެމަފިރިންގެ ދެ ކުދިން ވެސް އުޅެނީ މާލޭގަ އެވެ.