ފްލެޓުގައި ރޯވި ހާދިސާގައި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިހާރު

13 ޖުލައި 2025 | އާދިއްތަ | 6:09

ހުޅުމާލެ 1 ގެ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ފްލޯގެ ތިން ވަނަ އެޕާޓްމެންޓުގަ އެވެ. އެ ތަނުގައި ދިރިއުޅުނީ 11 ބިދޭސީންނެވެ. އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ދުމާއި ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ. އަދި އެ ތަންތަނުގައި ދިރިއުޅެމުންދިޔަ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މައުޟޫޢުތަށް