ޕީއެސްޖީގެ ނުފޫޒު ކަނޑުވާލައި ޗެލްސީ ދުނިޔޭގެ ރަސްކަމަށް
މިހާރު
14 ޖުލައި 2025 | ހޯމަ | 3:07
ނިއު ޖާޒީ (ޖުލައި 14) - ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލައިފި އެވެ.
ޗެލްސީ މި މެޗުގައި ޖެހި ތިން ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 22 ވަނަ މިނިޓާއި 30 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބު ކޮށްދިން ގޯލުތަކުން ލީޑު ކުރި ޗެލްސީގެ ތިންވަނަ ލަނޑު 43 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. މި ލަނޑު އެސިސްޓް ކޮށްދިނީ ޕާމާ އެވެ. ޕާމާގެ ފުރަތަމަ ލަނޑުގެ ކުރިން ވެސް އޭނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑީ ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ޑިޒިރޭ ޑޫއޭ އަދި ޖާއޯ ނެވޭސް ބޮލުން ފޮނުވާލި ހަމަލާއެއް ސަންޗޭޒް ހުއްޓުވާފައި ވާއިރު، ދެވަނަ ހާފުގައި ވަނީ ކިވިޗާ ކްވަރަޓްސްކޭލިއާ އާއި ވިޓީނިއާގެ ހަމަލާއެއް ވެސް މަތަ ކޮށްފަ އެވެ. ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ ފަހު ހާފުގައި ކުޅެން އެރި ޗެލްސީގެ ފޯވާޑް ލިއަމް ޑިލެޕްގެ ދެ ހަމަލާއެއް ދިފާއު ކޮށްފަ އެވެ.