ޓްރަމްޕް ދުރަށްވަޑައިނުގެންނެވި، ބޭނުންވީ އުފާފާޅުކުރައްވަން
މިހާރު
14 ޖުލައި 2025 | ހޯމަ | 11:25
ފުޓްބޯޅަ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އޮންނަ އާއްމު އުސޫލަކީ ޗެމްޕިއަން ޓީމުގެ ކެޕްޓަނާ، ތަށި ހަވާލުކުރެއްވުމަށް ފަހު ޝަރަފްވެރި މެހެމާން އެއްކައިރިއަށް ޖެހިވަޑައިގަތުމެވެ. މަގުސަދަކީ ތަށި އުފުލާލައި، އުފާފާޅުކުރުމަށް ކުޅުންތެރިންނަށް ޖާގަ ދިނުމެވެ. އެކަމަކު ރޭ ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު އޮތް ރަސްމިއްޔާތުގައި އެކަން ދިޔައީ ތަފާތުކޮށެވެ. ޝަރަފްވެރި މެހެމާން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުންވެވަޑައިގެންނެވީ ޗެލްސީގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާށެވެ.
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗަށް ފަހު ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއާ ތަށި ހަވާލުކުރެއްވުމަށް ފަހު ޓްރަމްޕް އެތަނުގައި މަޑުކުރެއްވުމުން ޖޭމްސް ވަނީ ދުރަށް ނުދަންތޯ އަހައިފަ އެވެ. ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އާއި ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވެސް ޓްރަމްޕް ގާތު ދުރަށް ދިއުމަށް އެދުނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް އެތަނަށް ވަޑައިގެން ޓްރަމްޕް ގާތު އެކަމަށް އެދިވަޑައިގަތެވެ.
އެކަމަކު ޓްރަމްޕް ހަމަ ހިލާ ދުރަށް ވަޑައިނުގެންނެވި އެވެ. ވިދާޅުވީ ތިމަންނާ ކަލޭމެންނާ އެކު އުފާފާޅުކުރުމުގައި ބައިވެރިވާނެ ކަމަށެވެ. އެއަށް ފަހު ޖޭމްސް ތަށި އުފުލާލައި، އެ އުފަލުގައި އެހެން ކުޅުންތެރިން ބައިވެރިވިއިރު ޓްރަމްޕް ވެސް އަތްތިލަބަޑި ޖައްސަވަން ހުންނެވި އެވެ. ފަހުން އިންފަންޓީނޯ ވެސް ޓްރަމްޕް ކައިރި އަށް ވަޑައިގެން އުފަލުގައި ބައިވެރިވެވަޑައިގެންނެވި އެވެ.