ސިފައިން ނުހުއްޓުވުނު، ގައުމީ މުބާރާތް މިލްކުކޮށްފި
މިހާރު
14 ޖުލައި 2025 | ހޯމަ | 10:03
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ކްލަބް އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި އުފުލާލައިފަ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފައިނަލްގައި ސިފައިން ސެޓްތައް ގެންދިޔައީ 25-21، 25-14 އަދި 26-24 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ގައުމީ މުބާރާތަށް ސިފައިންގެ ކްލަބާ ގުޅުނު އިންޑިއާ ކުޅުންތެރިޔާ ޗިރާގް އެވެ.
ސިފައިން ގައުމީ މުބާރާތުގެ ތަށި މިލްކު ކޮށްފައި މިވަނީ ތިން ފަހަރު ވެސް ފައިނަލްގައި އެޗްޑީސީ ބަލިކޮށްފަ އެވެ. އެޗްޑީސީ 2023 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރީ ކްލަބް އާބަންކޯގެ ނަމުގަ އެވެ.