ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމުގެ އެގްރިމެންޓު ބާތިލްކުރަން އޭޖީ އަށް ފޮނުވައިފި
މިހާރު
15 ޖުލައި 2025 | އަންގާރަ | 11:39
ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކަން 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) ހަރަދުކުރިއަސް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ބޭއްވި "އަހާ ފޯރަމް" ގައި އާއްމު މީހަކު ކުރި ސުވާލަކާ ގުޅިގެން މުއްތަލިބު ވިދާޅުވީ ގިރާވަރުފަޅު އަދި ހުޅުމާލެ 3 ހިއްކަން، ކުރީގެ ސަރުކާރުން ދެ ކުންފުންޏެއް މެދުވެރިކޮށް ހަވާލުކޮށްފައިވަނީ އެއް ކޮންޓްރެކްޓަރާ ކަމަށެވެ. އެއީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އެވެ.
އޭގެ ތެރެއިން، ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ދީފައިވަނީ ސަރުކާރުގެ ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނުންނެވެ. ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި 63 ހެކްޓަރު ބިން ހިއްކަން ހަވާލުކުރީ އެޗްޑީސީންނެވެ.