ބޯއިންގެ ބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރަން އަންގައިފި
މިހާރު
15 ޖުލައި 2025 | އަންގާރަ | 6:22
އެއާ އިންޑިއާގެ މަތިންދާބޯޓެއް މިދިޔަ މަހު ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގެ ތަހުގީގުން މިހާތަނަށް ހާމަވި ކަންކަމަށް ބަލައި، ބޯއިން މަރުކާގެ މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރުމަށް އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލްއޭވިއޭޝަން (ޑީޖީސީއޭ) އިން އެ ގައުމުގެ އެއާލައިންތަކަށް އަންގައިފި އެވެ.
އިންޑިއާގެ އަހްމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފުރިތަނާ ބޯއިން 787-8 ޑްރީމްލައިނާ ވެއްޓި އޭގައި ތިބި 242 މީހުންނާއި ބޯޓު ވެއްޓުނު ތަނުގައި ބިންމަތީ ތިބި 19 މީހަކު ވަނީ މަރުވެފަ އެވެ.
ހާދިސާގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ބޯޓު ފުރިތާ ހިނދުކޮޅެއްގެ ތެރޭ ފިއުލް ސްވިޗް "ރަން" އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވެ އެވެ. ފިއުލް ސްވިޗް އޯފް ކޮށްލުމުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އެކަމަކު އޭނާ އެހެން ނުހަދާ ކަމަށް ބުނެ އަނެއް ޕައިލެޓް ޖަވާބު ދިންކަން ވެސް ރިޕޯޓުން ހާމަވެ އެވެ.