އެކްސިޑެންޓްތަކާ ގުޅިގެން ފިޔަވަޅު ނޭޅޭތީ ޕީޖީ އާއި ފުލުހުން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
މިހާރު
15 ޖުލައި 2025 | އަންގާރަ | 1:16
ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު މަރުވެ، އަދި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެފަދަ ހާދިސާތަކުގައި ފިޔަވަޅު ނޭޅޭ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މިދިޔަ ހޮނިހިރު ދުވަހު މަޖިލީހަށް ކުޑޫ ފޮނުއްވި ސިޓީގައިވަނީ ވޭތުވެދިޔަ ހަ މަސް ދުވަހު އެކަނި ވެސް މާލޭ ސަރަހައްދުގައި ހާހަކަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާއިރު، އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ނޭޅި، އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވަމުންދާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވެ އަދި ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.