ޗާގޯސް ހޯދަން ނޫޅޭ ކަމަށް ސަފީރު ވިދާޅުވިއޭ ބުނަނީ އޮޅުވާލަން: ހަލީލް

މިހާރު

16 ޖުލައި 2025 | ބުދަ | 7:55

ރާއްޖެއިން ޗާގޯސް ހޯދަން ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލަން ފަތުރާ ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މި ޚަބަރު ފެތުރި މީޑިއާތައް ކުށްވެރިކުރައްވައި، ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެތަން ހޯދަން ވެސް ރާއްޖެއިން ނޫޅޭ ކަމަށް ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ސަފީރުގެ ވާހަކަ ރިޕޯޓްކޮށްފައި އޮތީ ހަގީގަތް އޮޅުވާލައިގެން ކަމަށެވެ.

ހަލީލް ވިދާޅުވީ ޔޫރަޕިއަން ޕާލިމެންޓުގައި ސަފީރު ހާމަކުރައްވާފައި ވަނީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާ މެދުގައި ދެކޭގޮތް ކަމަށެވެ. ހަލީލް ވިދާޅުވި ގޮތުގައި ސަފީރު ފާހަގަކުރެއްވީ ފޯޅަވައްސަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް މާ ކުރިންސުރެ ގާއިމްކޮށްފައި ހުރި ތަނެއްކަމާއި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމެވެ.

މައުޟޫޢުތަށް