ދުރޫޒުންގެ ހިމާޔަތަށް ކަމަށް ބުނެ އިޒްރޭލުން ސީރިއާ ސިފައިންގެ މައި މަރުކަޒަށް ބޮން އަޅައިފި
މިހާރު
16 ޖުލައި 2025 | ބުދަ | 7:37
ސީރިއާގެ ސްވެއިދާގައި އުޅޭ ދްރޫޒް ދީނުގެ މީހުންނަށް ސީރިއާ ސަރުކާރުން ގޯނާކުރާ ކަމަށް ބުނެ އިޒްރޭލުން ދިން އިންޒާރަށް ފަހު ވެރިރަށް ދިމިޝްގުގައި ހުންނަ ސިފައިންގެ މައި މަރުކަޒަށް މިއަދު އިޒްރޭލުން ބޮން އަޅައިފި އެވެ.
ސީރިއާގެ ސުންނީ ބަދަވީންގެ ގަބީލާތަކާއި ދުރޫޒުންގެ ހަނގުރާމަވެރިންނާ ދެމެދު ފެށިގެން އުޅޭ ކުރިމަތިލުންތައް ހުއްޓުވަން ސީރިއާ ސިފައިން ސްވެއިދާއަށް ވަނުމާ އެކު އިޒްރޭލުން އޮތީ ދްރޫޒުންނާ "ނުބެހި ދޫކޮށްލަން" އިންޒާރު ދީފަ އެވެ. އަދި މި އިންޒާރަށް ނުބަލައި ސިފައިންގެ ހަރަކާތްތައް ކުރިއަށް ގެންދާ ނަމަ މިހާރު ވެސް ސީރިއަށް ހަމަލާދޭ އިޒްރޭލުން ހަމަލާތައް ފުޅާކޮށް ވަރުގަދަކުރާނެ ކަމަށް އިންޒާރު ދިނެވެ.
ދުރޫޒުންނަކީ ހުޅަނގު އޭޝިއާގެ ބައެއް ގައުމުތަކުގައި ދިރުއުޅޭ މައިނޯރިޓީ ވަކި ދީނެއްގެ ބައެކެވެ. ޝިޔާއީންގެ އިސްމާއީލީން މަޒުހަބާ ވަކިވެގަނެގެން އުފެއްދި މި ދީން ބިނާކުރީ މުސްލިމުންގެ ފިކުރާއި ކްރިސްޓިއަނުންގެ ފިކުރު މަސްހުނިކޮށްގެންނެވެ. މި ދީނަށް އުޅޭ މީހުން އާބާދީ ދެ މިލިއަނަށް އަރައެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާ އާއި ލުބްނާން އަދި އިޒްރޭލުގަ އެވެ. އިޒްރޭލުން ވަނީ ދްރޫޒުންގެ ހިމާޔަތުގައި އޮންނާނެ ކަމަށް ބުނެފަ އެވެ.