މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 9:28
ނ. މަނަދޫގައި، އެކަނިމާއެކަނި ދިރިއުޅެމުން އައި ނައީމާ މޫސާ މަރާލަން އެ ގުރޫޕުގެ މީހުން އެ ގެ އަށް ވަނީ އެއްވެސް ހެއްކެއް ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ހެޒްމެޓް ސޫޓް ލައިގެންނެވެ. އެެއީ ނައީމާ މަރާލަން ދުރާލައި ތައްޔާރުވެ ހޯދި ސާމާނެވެ. އޭގެ ތެރޭގައި ކޮވިޑް ތެރޭ އެ ރަށަށް ގެންގޮސްފައި ހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ ސާމާނުތައް ހިމެނެ އެވެ.
ހެއްކެއް، ނިޝާނެއް ފެންނަން ނެތި ގިނަ ދުވަސްތަކެއް ވުމުން މަނަދޫގައި ހާސްކަން އިތުރުވި އެވެ. ގާތިލުން އާންމުންގެ ތެރޭގައި އުޅުމުގެ ކަންބޮޑުވުން އެ ރަށުގައި އިންތިހާ އަށް އޮތެވެ. އެކަމަކު، ވަރަށް ރަހުމުކުޑަގޮތަކަށް ނައީމާ މަރާލާފައި އޮއްވައި އޭޕްރީލް 7، 2023 ވަނަ ދުވަހު ފެނުނު ފަހުން ފުލުހުން ހިންގި އުނދަގޫ އަދި ބޮޑު އޮޕަރޭޝަނަށް މަހެއްހާ ދުވަސް ވީތަނާ، އެ ކަމުގައި ހިމެނުނު އެންމެން ހޯދި އެވެ.
އޭގެ ދޮޅު އަހަރު ފަހުން އަނެއްކާވެސް އެފަދަ "ރޭވުންތެރި" އަދި ރަހުމްކުޑަ ގޮތަކަށް އުމުރުން 65 އަހަރުގެ މީހަކު އއ. މާޅޮހުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައި އޮއްވައި ވަނީ ފެނިފަ އެވެ. އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނުތާ ހަފުތާއެއް ވާއިރު ވެސް އެއްވެސް ހެއްކެއް، ނިޝާނެއް ފެނުނު ކަމަކަށް ނުވެ އެވެ. ނުވިތާކަށް މި މައްސަލާގައި ޝައްކުވާ މީހަކު ހުރި ކަމަކަށް ވެސް ފުލުހުންނަކަށް އަދި ނޭނގޭ ކަމަށް ވެ އެވެ.