އެމްޑީޕީގެ ވިސްނުމުގައި، އެއާޕޯޓެއް އެޅުމާއި ހިންގުމުގެ ގާބިލްކަމެއް ދިވެހިންގެ ނެތް: މަތީން
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 2:02
ރާއްޖޭގެ ތަރައްގީއާ ގުޅޭ ގޮތުން އެމްޑީޕީން ގެންގުޅެނީ ވަރަށް ހަނި ވިސްނުމެއް ކަމަށާއި އެ ވިސްނުމުގައި ނަމަ، ދިވެހިންގެ ކިބައިގައި އެއާޕޯޓެއް އެޅުމާއި ހިންގުމުގެ ގާބިލްކަން ވެސް ދިވެހިންގެ ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަށް ނެތް ކަމަށެވެ. އެ ޕާޓީގެ އަބަދުވެސް ވިސްނުމަކީ ތަންތަން ހިންގުން ބޭރު މީހުންގެ އަތް މައްޗަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީން މިގޮތަށް ވިދާޅުވީ، ލޯނު އެހީގައި ތަރައްގީކޮށް، މި މަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލް މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ޕޯސްޓްކުރައްވާފައި ވަނިކޮށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދިނުން މި ދެ ބޭފުޅުން ވެސް ވަނީ ދިފާއުކުރައްވައިފަ އެވެ.