އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ފުލުހުން ހިފަހައްޓައިފި
މިހާރު
17 ޖުލައި 2025 | ބުރާސްފަތި | 8:11
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.
އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން ދިރިއުޅޭ މާހިޔަގޭގައި ނިދާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފުރަތަމަ ފެނުނީ އަންހެނުން ނާޒިމާ އަށެވެ. އަބްދުއްރަހުމާނާއި ނާޒިމާ އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވިޔަސް ހަމަލަދީފައި އޮތް ކަން ނާޒިމާ އަށް އެނގުނީ އެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު ފާހާނާ އަށް ދިއުމަށްޓަކައި އެ ކޮޓަރި އަށް ވަން ވަގުތު ކަމަށް ނާޒިމާ "މިހާރު" އަށް ކިޔައިދީފައި ވެ އެވެ.
އަބްދުއްރަހުމާންގެ ފޯނު ހިފެހެއްޓުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އެކި "އޭންގަލްތަކަށް ފޯކަސް ކޮށްގެން" ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.