ސްމައިލީ ބަލިކޮށް އަންމަޑޭ އަލުން މުލީގެ ޗެމްޕިއަންކަން ހޯދައިފި

މިހާރު

18 ޖުލައި 2025 | ހުކުރު | 7:32

ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

މިއީ އަންމަޑޭ މުލީގައި ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އެމްއެސްއޭ އިން 2022 ވަނަ އަހަރު ގައުމީ ލީގު ކުރިއަށް ގެންދަން ފެށި ފަހުން، ފުރަތަމަ ދެ އަހަރު މުލީގެ ޗެމްޕިއަންކަން ހޯދީ އޭނާ އެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ އަށް މުބާރާތް ނިމުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.

އަންމަޑޭ ޗެމްޕިއަންކަން ހޯދީ މިއަދު ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި، ޖުމްލަ 0.74 ޕޮއިންޓުން މިދިޔަ އަހަރު މުލީގެ ޗެމްޕިއަންކަން ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށްފަ އެވެ. އަންމަޑޭ ވަނީ ފައިނަލް ހީޓުގައި އެޅި ހަ ރާޅުގެ ތެރެއިން 6.67 ޕޮއިންޓަކާއި 5.40 ޕޮއިިންޓަކާ އެކު ޖުމްލަ 12.07 ޕޮއިންޓް ހޯދައިފަ އެވެ. ސްމައިލީ ހަތަރު ރާޅު އެޅި އިރު ޖުމްލަ ހޯދުނީ 11.33 ޕޮއިންޓެވެ.

މައުޟޫޢުތަށް