އިޔާ ބަނީއަކީ އައްޑޫ ބަހެއް ނޫން; މި ކުދިން މި ނަގައިދެނީ ވަރުގަދަ ފިލާވަޅެއް
މިހާރު
20 ޖުލައި 2025 | އާދިއްތަ | 10:50
އައްޑޫ ބަހުން ވާހަކަ ދެއްކުމަކީ ރީތި އަދި ފަހުރުވެރިވާ ކަމަކަށް އައްޑޫ މީހުންނަށް ވިޔަސް ޒަމާނަށް އައި ބަދަލުތަކާ އެކު، އެ އަށް ބަދަލުތަކެއް އަންނަ ކަން ހިރާ ސްކޫލްގެ ވެރިންނަށް ފާހަގަވި އެވެ. އައްޑޫ ބަހުން އައްޑޫ ކުދިން ވާހަކަ ދައްކާއިރު ކުށް ބަސް ބޭނުން ކުރުމާއި ދިވެހި ބަސް ނުވަތަ މާލޭ މަހާއި އައްޑޫ ބަސް އެއްކޮށްލައިގެން ވާހަކަ ދެއްކުން އާދައަކަށް ވި އެވެ. އިނގިރޭސި ބަހާއި އައްޑޫ ބަސް ވެސް އެއްކޮށްލައިގެން ވާހަކަ ދައްކަ އެވެ.
އެންމެ ކަންބޮޑުވި އެއް ކަމަކަށް ވީ އައްޑޫ މީހުން އެންމެ ކުރިއްސުރެ ބޭނުންކުރަމުން އައި ރީތި ބަސްތައް މިހާރުގެ ކުދިން ހަނދާ ނައްތާލުމެވެ. ނުވެސް އެނގެނީ އެވެ. އެހެންވެ، ހިރާ ސްކޫލުން އިސްވެ ހާއްސަ މަސައްކަތްތަކެއް ފެށި އެވެ. ވީޑިއޯގެ ޒަރީއާ އިން އެ ސްކޫލްގެ ކުދިން ހޭލުންތެރި ކުރުމެވެ. އައްޑޫގެ ރީތި ބަސްތައް ދަސްކޮށްދިނުމެވެ. އުވި ދިއުން ހުއްޓުވުމަށެވެ.
އެ ސްކޫލުގެ ފޭސްބުކް ޕޭޖުން ފުރަތަމަ އާންމުކުރި ވީޑިއޯގައި ދަސްކޮށްދިނީ މޭވާ ބިނުމާއި ކެނޑުމަށް އައްޑޫ ކުދިން ފަހަކަށް އައިސް ބޭނުންކުރާ އުޅޭ ގޯސް އަދި ރަނގަޅު ބަސްތަކެވެ. އެގޮތުން ބަނބުކެޔޮ ކެނޑުމާއި ފަޅޯ ބިނުމާއި ކާށި ރުކުން އެޅުމާއި ކާށި ބިނުން ކިޔައިދީފައިވެ އެވެ.