އެސްޑީއެފްސީން ކުރިން ލޯނު ދޫކުރި ވަރަށް ވުރެ އިތުރަށް ދެން ދޫކުރެވޭނެ: ބީއެމްއެލް
މިހާރު
21 ޖުލައި 2025 | ހޯމަ | 12:19
ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީން ލޯނު ދޫކުރަމުން އައި ޖުމުލަ ނިސްބަތަށް ވުރެ އިތުރަށް ދެން ލޯނު ދޫކުރެވޭނެ ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅިގެން ބީއެމްއެލް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ބޭންކުގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި "ޑިޖިޓަލް ފަސްޓް ސަބްސިޑަރީ" މެދުވެރިކޮށް އެސްޑީއެފްސީން ފައިނޭންސް ނުވަތަ ލޯނު ދޫކުރަމުން އައި ޖުމްލަ ނިސްބަތަށް ވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ ކަމަށެވެ. ލޯނު ދޫކުރާނީ އެސްޑީއެފްސީން އެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާ އެކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.