ވަރިވެ ތިން ފަށްވިތާ ފަސް އަހަރު ވި އިރު ވެސް އަންހެން މީހާ ގެއިން ނުނިކުމެގެން ކޯޓުގައި
މިހާރު
21 ޖުލައި 2025 | ހޯމަ | 11:11
ވަރިކޮށް ތިން ފަށްވިތާ ފަސް އަހަރުވެގެން ދިޔައިރު ވެސް ފިރިހެން މީހާގެ ގެއިން އަންހެން މީހާ ނުނިކުމެގެން ހުށަހެޅި މައްސަލައެއް ހައި ކޯޓާ ހިސާބަށް ދިޔަތާ ވެސް ފަސް ވަރަކަށް އަހަރު ފަހުން ހުކުމްކޮށްފި އެވެ.
ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އެންމެ ފުރަތަމަ ހުކުމްކުރި މި މައްސަލައިގައި ބުނެފައިވަނީ އޮކްޓޫބަރު 22، 2019 ގައި ވަރިކޮށް ތިން ފަށް ވެފައިވާ ކަމަށާއި އެހެންވެ އަންހެން މީހާ ގެއިން ނުކުމެގެން ދާން ތަކުރާރުކޮށް ބުނެގެން ވެސް ނުނިކުތް ކަމަށެވެ. ރަށު ކޯޓަށް މައްސަލަ ހުށަހެޅުމުން ހުކުމްކުރީ ފިރިހެން މީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ގޭގައި އަންހެން މީހާ ބައިންދަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތަތީ 48 ގަޑިއިރު ތެރޭ ގެއިން ނުކުތުމަށެވެ.
އުމުރުން ދުވަސްވީ ދެ މީހެއްގެ މި މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ޖެނުއަރީ 27، 2020 ގައި ހުށަހެޅުމުން އެ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ވަނީ ފިރިހެން މީހާއާ އެއްކޮޅަށް ހުކުމްކޮށްފަ އެވެ. އެ ނިންމުން އަންހެން މީހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި ހުކުމްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެހެންވެ ހައި ކޯޓުގައި ވެސް މި މައްސަލައަށް ވަނީ ފަސް ވަރަކަށް އަހަރު ވެފަ އެވެ.