މަންޒަރު ބަލަން ނުތިބެ ފަސްޓް އެއިޑް ދީ!
މިހާރު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 10:34
މަގުމަތީގެ އެކްސިޑެންޓެއް ވެއްޖެ ނަމަ އަހަރެމެންގެ ތެރެއިން ގިނަ މީހުން ފުރަތަމަ ދިއްކޮށްލަނީ އަތުގައި އޮންނަ މޮބައިލް ފޯނެވެ. ފޯނަށް އެ މަންޒަރު ރައްކޮށްލައި ސޯޝަލް މީޑިއާ އަށް ލުމުން އެ ކަން ނިމުނީ އެވެ. އަނެއް ބަޔަކު ތިބެނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެމްބިއުލާންސް އަންނަން އެ ހޭދަވާ ވަގުތު ވެސް ކުރާނެ ކަމެއް ނޭނގި ދެ އަތް އުރާލައިގެންނެވެ. އެކަމަކު، ބޮޑު އަނިޔާއެއް ލިބިފައި އޮންނަ މީހަކަށް ފާއިތުވާ ކޮންމެ ސިކުންތެއް ވެސް ވަރަށް މުހިއްމެވެ.
މާލެ ސަރަހައްދު ފަދަ އެކްސިޑެންޓުތައް ގިނައިން ހިނގާ ތަނެއްގައި، އަވަސް ފަރުވާ ދިނުމަށް ކުރެވޭނެ ކުދި ކުދި ކަންތައްތައް އެނގުން ވަރަށް މުހިއްމެވެ.
ރެޑްކްރެސެންޓުގެ ސެންޓާ ރީޖަނަލްގެ މެނޭޖަރު މުހައްމަދު އަދީލް ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ސަރަހައްދެއްގައި ހުރި ނަމަ މީހަކަށް އެންމެ ފުރަތަމަ ކޮށްދެވޭނީ ކަމާ ގުޅުން ހުރި ފަރާތްތަކަށް ގުޅުން ކަމަށެވެ. އެއީ އެމްބިއުލާންސްގެ ހިދުމަތަށާއި ފުލުހުންނަށެވެ. އެ އަށް ފަހު، އެ ފަރާތްތަކަށް ފަސޭހައިން އާދެވޭނެ ގޮތަށް މަގު ހުސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.