ފައިނޭންޝިއަލް ފެއާޕްލޭގެ ބިރެއް ނެތި ލިވަޕޫލުން ޓްރާންސްފާ އަށް 400 މިލިއަން ޑޮލަރު ހޭދަކޮށްފި
މިހާރު
22 ޖުލައި 2025 | އަންގާރަ | 8:43
ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލާ ހިލާފުވެވިދާނެ ކަމުގެ ބިރެއް ވެސް ނެތި ލިވަޕޫލުން ޓްރާންސްފާ ޕީރިއަޑްގައި 400 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު ހޭދައެއް ކޮށްފި އެވެ.
އައިންޓްރަކްޓް ފެރެންކްފާޓްގެ ފޯވާޑް ހޫގޯ އެކިޓީކޭ، މިއަދު ލިވަޕޫލަށް ސޮއި ކުރާނެ އެވެ. އެނާ ސޮއި ކުރުވަން ލިވަޕޫލުން ވަނީ 106.6 މިލިއަން ޑޮލަރު ފްރެންކްފާޓަށް ދިނުމަށް ނިންމާ ފަ އެވެ. އެއާ އެކު މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ޗެމްޕިއަން ޓީމުން ކުރި ހޭދަ ވަނީ 402 މިލިއަން ޑޮލަރަށް ވުރެ ވެސް މަތިވެފަ އެވެ.
މިއީ މިހާތަނަށް ލިވަޕޫލްގެ ތާރީހުގައި ވެސް އެ ޓީމުން އެންމެ ބޮޑު ހޭދައެއް ކުރާ ޓްރާންސްފާ މާކެޓެވެ. މީގެ ކުރިން އެންމެ ބޮޑު ހޭދައެއް ކުރީ 2018 ގެ ސީޒަނުގަ އެވެ. އެ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަ ޕީރިއަޑްގައި ކީޕަރު އަލިސަން ބެކާ އާއި ފަބިއާނޯ، ޒާދާން ޝަކީރީ އަދި ނަބީ ކެއިޓާ ސޮއި ކުރުވަން 216 މިލިއަން ޑޮލަރު ލިވަޕޫލުން ހޭދަ ކުރި އެވެ.