ރިޕޯޓްކުރުމުން އަޅާނުލައި ތިއްބާ ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ބޮޑު ގެއްލުމެއް
މިހާރު
22 ޖުލައި 2025 | އަންގާރަ | 9:49
މާލޭގައި ހަދަމުންދިޔަ އިމާރާތަކާ ޖެހިގެންހުރި ގޭގެ އިން ފާރު އެ ގޭތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ލަގްޒަރީ ފުރަގަހުގައި އޮންނަ އަނބުގަސްމަގުގައި ހުންނަ މ. ތަކަންދޫ ގޭގެ ފާރު ވެއްޓުނީ މ. ހަވާއީ ގޭގައި މަސައްކަތް ކުރަނިކޮށެވެ.
ތަކަންދޫ ގޭގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނީ ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައި ހުރި ފާރެއް ކަމަށާއި ގާތްގަނޑަކަށް އަށް ފޫޓަށް ރާނާފައި ހުރި އެ ފާރާ އިންވެގެން އޮތް ގެ ހަދަން ފެށުމުން އެ ފާރަށް ގުޑުން އަރަމުން ދިޔަ ކަމަށެވެ. އެކަމަކު މަސައްކަތް ކުރާތާ އަށް މަސް ވީ އިރު ވެސް ކުރި އެއްވެސް ރިޕޯޓަކަށް ކަމާބެހޭ އިދާރާއަކުން ހައްލެއް ހޯދައިނުދިން ކަމަށް އޭނާ ބުންޏެވެ.