ހާއްސަ މުނާސަބަތާ ދިމާވާ އިންތިހާބަށް ފަހު ފުޓްބޯޅައަށް ހަރުދަނާ އިސްލާހުތަކެއް ގެންނާނެކަމުގެ އުއްމީދުގައި
މިހާރު
26 ޖުލައި 2025 | ހޮނިހިރު | 3:35
ރާއްޖޭގެ ފުޓްބޯޅައިގައި މިހާ ނާޒުކު ދަނޑިވަޅެއް އަދި މިހާތަނަށް ކުރިމަތި ނުވާ ކަމަށް ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ފުޓްބޯޅައިގެ މައި އިދާރާގެ ގޮތުގައި 1982 ގައި އެފްއޭއެމް އުފެދުނު ފަހުން ވެސް މިހާ ގޮންޖެހުން ބޮޑު ހާލަތެއް އެ އެސޯސިއޭޝަނަކަށް ކުރިމައްޗެއް ނުވެ އެވެ. މި ހާލަތުން އަރައިގަންނަން މިއަދު ބާއްވާ އިންތިހާބަކީ އާ ފެށުމަކަށް ވާނެ ކަމަށް ކޯޗުންނާއި ކުޅުންތެރިން އުއްމީދު ކުރެ އެވެ.
ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބާއްވަން ތާވަލު ކުރީ މިއަދަށެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ، އިންތިހާބު ބާއްވާ ދުވަސް ދިމާވުމަކީ އިއްތިފާގަކަށް ވެދާނެ އެވެ.
އެކަމަކު މިއީ ކޮރަޕްޝަނާއި އެތަކެއް އިހުމާލަކާ އެކު މީގެ ކުރިން ހިންގަމުން ދިޔަ އެސޯސިއޭޝަން، އެ ތުހުމަތުތަކުން މިނިވަންކޮން ހާމަކަން ބޮޑު ނިޒާމަކަށް ހިންގުން ބަދަލުވާން ޖެހޭ އިންތިހާބަށް ވާނެ ކަމަށް ކުޅުންތެރިންނާއި ކޯޗުން އުއްމީދު ކުރ އެވެ. ހަމައެކަނި މާލެ އަށް ބަރޯސާވެފައިވާ ފުޓްބޯޅަ، އަތޮޅާއި ރަށްރަށް ގެންދާނެ ކަމުގެ ވައުދާ އެކު އިންތިހާބަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓަކީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) އެވެ.