މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްނުކުރާ ނަމަ ބަދަލު ހޯދަން އެދެވޭނެ: އައިސީޖޭ
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 12:22
މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ގައުމުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށާއި އެކަން އެގޮތަށް ނުކުރާ ގައުމުތަކުގެ ކިބައިން ބަދަލު ހޯދަން ދައުވާކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބަޔާންކޮށް، ދުނިޔޭގެ އިސް ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިސްތިޝާރީ ލަފައެއް ނެރެފި އެވެ.
ބައިނަލްއަގްވާމީ ކޯޓުން މިއަދު ނެރުނު ތާރީހީ ނިންމުމުގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ "ދިރިއުޅުމަށް ނުރައްކަލަކަށް ވެފައިވާ، އިސްކަންދޭންޖެހޭ މައްސަލައެއް" ކަމަށެވެ. އަދި ޖައްވު ތަޣައްޔަރުވާ ގޭސް ބޭރުމުން މަދުކުރުމަކީ ދުނިޔެ ހޫނުވުން ކުޑަކުރުމަށް ގައުމުތަކުން އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ބުނެފައިވެ އެވެ.
ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް، ކުދި ގައުމުތަކުގެ އިސް ދައުރަކާ އެކު އައިސީޖޭއަށް ހުށަހަޅައި ކުރިއަށް ގެންދިޔަ މައްސަލައަށް ފަހު ނެރުނު ލަފާގައި ބުނެފައިވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގައުމުތަށް އޮތް ޒިންމާ އަދާނުކުރާ ނަމަ އެކަން ބެލޭނީ ނުރަނގަޅު އަމަލެއްގެ ގޮތުގައި ކަމަށެވެ. މިއީ ގައުމުތަކުން އަމަލުކުރުން ލާޒިމު ލަފައެއް ނޫން ނަމަވެސް މިއީ އަހްލާގީ، ސިޔާސީ އަދި ގާނޫނީ ގޮތުން ބުރަދަން ހުރި މުހިންމު ލަފައެކެވެ.