ނިހާން އެސްޓީއޯއަށް ފައިސާ ދައްކައި މައްސަލަ ނިންމައިފި
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 12:23
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު އެސްޓީއޯއަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމުގައިވާ ފައިސާ ދައްކައި ނިންމައި އެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ނަގައިފި އެވެ.
ނިހާން އެސްޓީއޯއަށް 959،362ރ. ދައްކަން ސިވިލް ކޯޓުން ޑިސެމްބަރު 2019 ގައި ހުކުމްކުރީ ހާބަރު ފުޑްކޯޓެއް ފަސް އަހަރަށް ކުއްޔަށް ނެގުމަށް ފަހު އެތަނަށް ކުލި ނުދެއްކި މައްސަލައިގަ އެވެ. ނިހާންގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެއީ އެ މައްސަލަ ހުށަހެޅުމާ ހަމައަށް ނުދައްކާ ހުރި ކުއްޔާއި މެއިންޓެނަންސް ފީ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ.
އެ ފައިސާ ހަ މަސް ދުވަސް ތެރޭ އެސްޓީއޯއަށް ދައްކަން ކުރި ހުކުމް ހައި ކޯޓުގައި ނިހާން އިސްތިއުނާފު ކުރެއްވީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވުމުން، ނިހާންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަމަށް ހުކުމުގައި ރިއާޔަތްކޮށްފައި ނެތުން ފަދަ ބައެއް ކަންކަން ހުރުމުންނެވެ.