ހުޅުލޭ އެއާޕޯޓް: މިނިވަންކަމަށް ފެށި ދަތުރުގެ މައި ބަނދަރު
މިހާރު
26 ޖުލައި 2025 | ހޮނިހިރު | 12:43
ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އިނގިރޭސިންގެ ނުފޫޒު ރާއްޖޭގައި ގަދަ ކުރުމަށް ކުރި އެއް ކަމަކީ އެ މީހުން ބޭނުންވާ އަދި އެ މީހުންގެ މަތިންދާބޯޓުތައް ޖައްސަން ހުޅުލޭގައި ދަގަނޑުފިލާ އަޅައިގެން ރަންވޭއެއް ހެދުމެވެ. ދިވެހި ސަރުކާރުން އަނގަބަހުން އިނގިރޭސިންނާ އެކު އެއްބަސްވެގެން އެ ރަންވޭ ހެދި ނަމަވެސް ދިވެހިންނަށް އެ ރަންވޭއިން ފަސޭހައެއް ނުލިބޭނެކަން ދިވެހި ސަރުކާރުގެ އޭރުގެ ވެރިންނަށް ވަކި ހިސާބަކުން ވިސްނިވަޑައިގަތެވެ.
އިނގިރޭސިން ބޭނުންހާ ކަމެއް ކުރަން ގިނަ ދުވަސްތަކެއްގެ ފުރުސަތު ނުދީ، އެ މީހުންގެ ކިބައިން އެއާޕޯޓު ސަލާމަތް ކުރުމުގެ އަމަލީ މަސައްކަތް ސިއްރާއި ފާޅުގައި ދިވެހިން ފެށި އެވެ.
ސަރުކާރުން އެދުނީ އިނގިރޭސިންގެ މަތިންދާބޯޓެއްގައި ދިވެހި ވަފުދެއް ސްރީ ލަންކާ އަށް ގެންގޮސްދޭށެވެ. އެކަމަކު، އިނގިރޭސިން އެންމެ ފަހު ވަގުތު އެންގީ އެ ދަތުރު ކޮށްދެވެން ނެތް ކަމަށެވެ. އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު އެ މަނިކުފާނުގެ ސްޓައިލްގައި ދުލެއް ނުދެއްވި އެވެ. އެއާ ސިލޯންގެ ބޯޓެއް ވަގުތުން ޗާޓަރު ކުރައްވައިގެން ދިވެހި ސަރުކާރުގެ ވަފުދު ލަންކާ އަށް ފޮނުއްވި އެވެ.