އިންޑިއާއިން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް
މިހާރު
25 ޖުލައި 2025 | ހުކުރު | 6:36
އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީއެއް ދީފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ. އެކަމުގެ އެއްބަސްވުމާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިފެންސާއި ކުޅިވަރުގެ ދާއިރާ އާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ހޭދަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.