އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދެނީ ވައިޑް ބޮޑީ ފްލައިޓަށް، ކްރޫ އިން ދިވެހި ހެދުމުގައި
މިހާރު
27 ޖުލައި 2025 | އާދިއްތަ | 1:14
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއަދު މެންދުރު ފަހު ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ހިދުމަތްދޭނީ އާ ޓާމިނަލުން ކަމަށެވެ. އެ ތާރީހީ ފްލައިޓުގައި ހިދުމަތް ދޭ ކްރޫ އިން ވެސް ތިބީ ދިވެހި ހެދުމުގަ އެވެ.
ކޮޗިން އިން ރާއްޖެ އަންނަ ފްލައިޓު މެންދުރު ފަހު ގާތްގަނޑަކަށް 2:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ އެވެ. އެއަށްފަހު އެ އެއާލައިންގެ ހުރިހާ ބޯޓަކަށް އާ ޓާމިނަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާނެ އެވެ.