ޔުނާންގެ ފަހުރުވެރި ތާރީހާއި ސަގާފަތް ހިމާޔަތްކޮށް، ދެއްކީ ނަމޫނާއެއް

މިހާރު

2 އޯގަސްޓު 2025 | ހޮނިހިރު | 7:56

ދުނިޔެއަށް އަންނަ ބަދަލުތަކާއި ތަރައްގީއާ އެކު އެންމެ އަވަހަށް ފޮހެވި، ނެތެމުންދާ އެއްޗަކީ އެ ބައެއްގެ އަމިއްލަ ސަގާފަތާއި ތާރީހެވެ. ނަމަވެސް ދުނިޔޭގެ ބޮޑު ބާރަކަށް ވެފައި އޮތް ޗަައިނާގެ ޔުނާން ޕްރޮވިންސުން އެ ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޔުނާންގެ އެންމެ ބޮޑު އެއް ހާއްސަކަން ގުޅިފައި އަދިވެސް އޮތީ އެ މީހުންގެ ފަހުރުވެރި ތާރީހާއި ތަފާތު ނަސްލުތަކާއި ސަގާފަތް ހިމާޔަތްކުރަން ދޭ އިސްކަމުގެ މައްޗަށެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާގެ އެންމެ ގިނަ ނަސްލުތަކަށް ނިސްބަތްވާ މީހުން އުޅެނީ ޔުނާންގަ އެވެ. ޔުނާންގެ 47 މިލިއަން މީހުންގެ އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަކީ މައިނޯރިޓީ ނަސްލުތަކެވެ. އެ އިން ކޮންމެ ބަޔަކު ވެސް ހެދުން އެޅުމުން ފެށިގެން ވާހަކަ ދައްކާ ބަހުރުވަ އާއި ސަގާފަތް އެހާމެ ތަފާތު ނަމަވެސް އެ މީހުންގެ ސަގާފަތާއި ގަދީމީ އާސާރުތަކަކީ ތަފާތު ކުރުމެއް ނެތި މިހާތަނަށް ވެސް ދެމިގެން އައިސްފައި ހުރި ކަންކަމެވެ.

ދިވެހި ނޫސްވެރިން ޔުނާނަށް މިދިޔަ މަހުގެ ފަހުކޮޅު ކުރި ދަތުރުގައި އެ ޕްރޮވިންސްގެ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި މަޝްހޫރު ލިޖިންގެ ތަރައްގީވެފައިވާ ކާރޫބާރު ބޮޑު ސަރަހައްދުގެ ތެރެއިން ދިގު ދަތުރަކަށް ފަހު ގޮސް ދެވުނީ ޔުހު ވިލެޖްގެ އެތައް ސަތޭކަ އަހަރު ކުރީގެ ސަގާފަތުގެ ތެރެއަށެވެ. ކަނޑުގެ ސަތަހައިން ފެށިގެން އެތައް ހާސް މީޓަރެއްގެ މަތީގައި އޮންނަ އެ ވިޖެލަކީ ޗައިނާގައި އެންމެ ތަފާތުއެއް ނަސްލު ކަމަށްވާ ނަޝީ ދަރިކޮޅު މީހުން އެންމެ ފުރަތަމަ ވަޒަންވެރިވި ކަމަށް ބުނެވޭ ސަރަހައްދެވެ.

މައުޟޫޢުތަށް