ނިޝާން އިއްޒުއްދީން އިއްޒަތް އިއްޔެ އެރުވި ސޯބިރު އަވަހާރަވެއްޖެ
މިހާރު
28 ޖުލައި 2025 | ހޯމަ | 10:06
ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ އެރުވި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 73 އަހަރުގައި ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ އާލާސްކަންފުޅުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.