ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދޭން ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މިހާރު
28 ޖުލައި 2025 | ހޯމަ | 6:52
ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުން މިއަދު ސޮއިކުރި އެއްބަސްވުމަކީ ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ސޮއިކުރި ޓްރީޓީ އެވެ. އެ ޓްރީޓީއަކީ 2011 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން މަސައްކަތް ކުރަމުން އައި ޓްރީޓީއެކެވެ.
އެ ޓްރިޓީގެ ދަށުން، ދެ ގައުމުގެ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭނެ އެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގުމާއި ބެހޭ ކަންތައްތަކުގައި ދެ ގައުމުން އެއްބާރުލުން ދޭނެ އެވެ. އެ ޓްރިޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީންނެވެ.