ވޯލްޑް ޗެމްޕިއަންޝިޕްސްގައި މެރާލް އާއި ތަޒްކިޔާ އަށް ގައުމީ ރެކޯޑެއް
މިހާރު
29 ޖުލައި 2025 | އަންގާރަ | 12:19
ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) ލޯންގްކޯސް ގައުމީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ.
މެރާލް މި ފަހަރު އާކުރީ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގަައުމީ ރެކޯޑެވެ. އަދި ތަޒްކީ ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ އާދިއްތަ ދުވަހު އުމުރުން 16 އަހަރުގެ މެރާލް ރެކޯޑް އާކުރީ 02:44.34 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ކުރިން މި ރެކޯޑް މެރާލް އަތުގައި އޮތީ އިނގިރޭސި ވިލާތުގައި މިއަހަރު ކުރީކޮޅު ބޭއްވި ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި 02:45.93 އިން ފަތައިގެންނެވެ.