ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާ ފުޅާދާއިރާއެއްގައި އެބަކުރަން: ސީއެސްސީ
މިހާރު
29 ޖުލައި 2025 | އަންގާރަ | 10:50
ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެ ކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މި އަހަރުގެ "މެދު މުރާޖައާ" ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް ނާސިހު ވިދާޅުވިއިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.