ރަތް ލިބާހުގައި ފަރާ މިފަހަރު ގެނެސްދިނީ ދިވެހި ރަހައެއް
މިހާރު
30 ޖުލައި 2025 | ބުދަ | 10:24
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާނަށް ރާއްޖެ އަލެއް ނޫނެވެ؛ އެކަމަކު މިދިޔަ ބޮޑު އީދުގައި އޭނާ ރާއްޖެއަށް ކުރި ދަތުރު ވަރަށް ހާއްސަ އެވެ. ރިސޯޓުން ބޭރުވެ، މީހުން ދިރިއުޅޭ ރަށަކަށް ފުރަތަމަ ފަހަރަށް ގޮސް އެތައް މިލިއަން ފޮލޯވަރުންނަށް ގެނެސްދިނީ ދިވެހި ކުކުޅު ރިހަ އެވެ.
ޔޫޓިއުބްގައި މިއަދު އާއްމުކޮށްފައިވާ އޭނާގެ ކައްކާ ޝޯގެ އެޕިސޯޑު ނަގާފައި ވަނީ ކ. މާފުށީގަ އެވެ. އެ ޝޯ އިން މަޝްހޫރުވި އޭނާގެ ކައްކާ، ދިލިޕްއާ އެކު ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއި ދިވެހިން ކުލަގަދަކޮށް ފާހަގަކުރި އީދު އުފަލުގައި ބައިވެރިވި އެވެ.
ފަރާގެ ކައްކާ ޝޯއަކީ އިންޑިއާގެ ޔޫޓިއުބުގައި މިހާރު އެންމެ މަގުބޫލު އެއް ޝޯ އެވެ. އެ ޝޯގެ ޔޫޓިއުބް ވީޑިއޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. ހާއްސަކޮށް ދިލިޕްގެ ހުންނަ ސަކަ މިޒާޖަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ. އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް އެ ޝޯއަށް ގެސްޓުންގެ ގޮތުގައި ވެސް ދެ އެވެ.