ތަޒްކިޔާ އާއި އާން އަށް ވެސް އިތުރު ގައުމީ ރެކޯޑެއް
މިހާރު
1 އޯގަސްޓު 2025 | ހުކުރު | 4:40
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) އާއި މުހައްމަދު އާން ހުސެއިން ވެސް އިތުރު ގައުމީ ލޯންގްކޯސް ރެކޯޑެއް އާކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ހީޓުގައި އާން ގައުމީ ރެކޯޑް އާކުރީ 23.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ އޭނާ އަތުގަ އެވެ. އޭނާ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި 24.82 ސިކުންތުން ފަތައިގެން ހެދި ރެކޯޑް މިދިޔަ އަހަރު އާކޮށްފައި ވަނީ، މިދިޔަ އަހަރު މެލޭޝިއާގައި އޮތް 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 24.28 ސިކުންތުން ފަތައިގެންނެވެ.
ވޯލްޑް ޗެމްޕިއަންޝިޕްސްގެ 50 މީޓަރު އިވެންޓްގެ ހީޓުގައި ގައުމީ ރެކޯޑް ޓައިމިންއަކާ އެކު އާން ނިންމާލީ ނުވަ ފެތުންތެރިން ވާދަކުރި ހަވަނަ ހީޓުގެ ތިންވަނައިގަ އެވެ. ނަމަވެސް ޖުމްލަ 13 ހީޓުގައި ވާދަކުރި 116 ފެތުންތެރިންގެ ތެރެއިން ސެމީ ފައިނަލަށް ހޮވުނު 15 ފެތުންތެރިންގެ ތެރޭގައި އޭނާ ނުހިމެނެ އެވެ. އޭނާގެ އޯވަރޯލް ރޭންކިންއަކީ 67 އެވެ.