ރައީސަށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް
މިހާރު
1 އޯގަސްޓު 2025 | ހުކުރު | 10:14
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ މިއަދެވެ.
ރައީސް މުއިއްޒަށް މަސީހް މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.