މެސީ ޑިސެމްބަރުގައި އިންޑިއާ އަށް ދަނީ، މޯދީއާ ބައްދަލުކުރާނެ
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 10:33
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ދަތުރެއްކޮށް، ފުޓްބޯޅައިގެ ހަރަކާތްތަކެއްގައި ބައިވެރިވެ، ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމުކުރާ މި ދަތުރުގައި މެސީ އެންމެ ފުރަތަމަ ދާނީ، ޑިސެމްބަރު 12 ގައި އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ އަށެވެ.
އެ ސިޓީގައި މެސީގެ ޝަރަފުގައި ބަހައްޓާ ހަނދާނީ ބިނާއެއް މެސީ ހުޅުވައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އީޑެން ގާޑެންސް ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕް އަދި ގޯޓް ކޮންސެޓުގައި އޭނާ ބައިވެރިވާނެ އެވެ. މީގެ ތެރެއިން ގޯޓް ކަޕަކީ، އިންޑިއާގެ ކުޅިވަރު ލެޖެންޑުން ކަމަށްވާ ސޯރަވް ގަންގޫލީ އާއި، ލެއަންޑާ ޕައެސް އާއި، ބައިޗުން ބުޓިއާ އަދި ފިލްމީ ތަރި ޖޯން އަބްރަހަމް ވެސް ބައިވެރިވާ ގޮތަށް ބާއްވާ ސެވަން އަ ސައިޑް މުބާރާތެކެވެ. އީޑެން ގާޑެންސް އަކީ، ބްރެޒިލްގެ ލެޖެންޑް ޕެލޭ ވެސް ކުޅެފައިވާ ތާރީހީ ސްޓޭޑިއަމެވެ.