ކޯޓުން އަމުރު ނުކުރާތީ ޖުވެނައިލް ހާފްވޭ ހައުސްގައި އަދިވެސް ކުއްޖަކު ނެތް
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 2:12
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަދި ނުރައްކަލަށް ހުށަހެޅިދާނެ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް ހއ. ހޯރަފުށީގައި މިދިޔަ ޖެނުއަރީ މަހު ހުޅުވި ޖުވެނަައިލް ހާފްވޭ ހައުސްއަށް ކުދިން ގެންދަން ކޯޓުން އަމުރު ނުކުރާތީ އެތަނުގައި އެއްވެސް ކުއްޖަކު ނެތް ކަމަށް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން އެކަމަށް މަރުކަޒެއްގައި ބައިތިއްބައިގެން ފަރުވާދޭން ޖެެހެ އެވެ. އަދި އެކަމަށް ދެ މަރުކަޒެއް ހެދި ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން އެތަން ބޭނުމެއް ނުކުރެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްއެއް އިމާރާތްކުރި އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހޯރަފުށީ ސެންޓަރު ހުޅުއްވައިދެއްވައިފަ އެވެ.